އިތުރު 139 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 139 މީހަކު ކޯވިޑް ނަވާރައަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މިބައްޔަށް ޕޮޒިޓިވް ވި މީހުންނާއެކު، ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 22،992އަށް އަރައިފައެވެ. މިއަދު ކޯވިޑް ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 89 މީހަކާއި، މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވް ވި 31 މީހެކެވެ. އަދި ހިންގަމުންދާ ރިސޯޓްތަކުން ބަލި ޖެހުނު 19 މީހަކުވެސް މިގެތެރޭގައި ހިމެނެއެވެ. 

ކޯވިޑަށް ޓެސްޓް ކުރުމަށްޓަކައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 6،659 ސާމްޕަލް ވަނީ ނަގައިފައެވެ. ކޯވިޑް ޖެހިފައިވާ 1،497 މީހަކު ހުރިއިރު، އޭގެތެރެއިން 103 މީހަކަށް އަންނަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ. ކޯވިޑް ޖެހިގެން މިހާތަނަށް 66 މީހަކު ނިޔާވެފައިވާއިރު، ބަލި ޖެހުނު 20،359 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. 

ފަހަކަށް އައިސް ކޯވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން، ގިނަ ދުވަސް ދުވަހު 100އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވް ވެއެވެ.