މުންދު މައިމޫނާއަށް: ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅުން ފައިބާ

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަރުކުރު އިންނެވީ ބަސް ނުވިކޭ އޮޑީގެ ދިރުނބާކޮޅުގައި ކަމަށްވާނަމަ، ދިރުނބާކޮޅުން ފޭބުމުގެ ހައްޤު އެބައޮތް ކަމަށް  ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ހުސައިން ޝަރީފު(މުންދު) ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) ފެއިލް ވެފައިވާ ކަމަށާއި، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ މައިމޫނާ ކަމަށް ވަރަށް ގިނަ ރައްޔިތުން ފާހަގަކުރެއެވެ.

ފޭސްބުކްގައި މުންދު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ކޯވިޑް މެނޭޖު ކުރުމުގެ ކަންކަން ބޮއްސުންލައިގެން ދާތީ، ޚުދު އޭނާވެސް މައިމޫނާއަށް ފާޑުވިދާޅުވާ ކަމަށެވެ. މިގޮތަށް ފާޑުވިދާޅުވަމުން ގެންދަވާތީ އެޗްޕީއޭގެ ބޭފުޅަކު މުންދުއަށް ގުުޅުއްވައި އެކަމާބެހޭ ގޮތުން ސުވާލު ކުރެއްވި ކަމަށް ވިދާޅުވިއެެވެ.

"ވިދާޅުވީ މައިމޫނާގެ ބާރު އޮންނަނީ ހަމައެކަނި ސިއްހީ ހިދުމަތާއިބެހޭ ގާނޫނުގައި ކަމަށް. އަމަލީ ގޮތުން ބާރު އޮންނަނީ ހެލްތު މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ކަަމަށް. އަދި ހުރިހާ ފިއްތުންތަކާއިއެކު އޭނާ ސިފަކުރެއްވި ގޮތުގައި، މައިމޫނާ އިންނެވީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައި ކަމަށް" މުންދު ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވި ގޮތުގައި، އެވާހަކަތަކަށް އޭނާ އެރުވީ ވަރަށް ކުރު ޖަވާބެކެވެ. މައިމޫނާއަށް އަމާޒުވާ ފާޑުކިޔުންތަކުގެ ހައްލެއްވެސް މެއެވެ. އެއީ ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅުން ފައިބައިވަޑައިގަތުމެވެ.

"މުސްކުޅި ކުރައްވާފަ ގެއަށް ފޮނުވާލަންދެން ގޮނޑީގައި އިންނަން އެއްވެސް ޤާނޫނަކުން މަޖުބޫރެއް ނުކުރާނެ" މުންދު ވިދާޅުވިއެވެ.

މައިމޫނާއަށް ފާޑުކިޔުން އަމާޒުވާ ސަބަބުތަކުގެ ތެރޭގައި، އެޗްޕީއޭގެ ނިންމުންތަކުގައި "ސިޔާސީ" ކުލަ ޖެހިފައި ވުން ހިމެނޭ ކަމަށް ސަރުކާރުގެ ވާދަވެރިން ވިދާޅުވެއެވެ.