ސިޔާދަތީ ބާރު ގެއްލިފައިވުމަކީ ކޯވިޑް ކޮންޓްރޯލް ކުރުމަށް އޮތް ހުރަހެއްގެ ގޮތުގައި އާދަމް ޝަރީފު ސިފަކުރައްވައިފި

ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ގެއްލިފައިވުމަކީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރިމަތިވާ ދަތިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ކޯވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ހުއްޓުވުމަކީ، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ވަަރަށް މުހިންމު ކަމެއް ކަމަށް ސިއްހީ މާހިރުން ގެންދަނީ ވިދާޅުވަމުންނެވެ.

އެހެންނަމަވެސް ހަލުވިކަމާއިއެކު ބަލި ފެތުރެމުން އަންނަ އިންޑިއާއިން ރާއްޖެއަށް މީހުން އައުން ހުއްޓުވާފައި ނުވާތީ ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކުރެއެވެ. އަދި އެއީ ސަރުކާރާ އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން، އިންޑިއާއިން އަންނަ ފްލައިޓްތައް މެދުކަނޑާލަން ނުކެރުމުގެ ނަތީޖާ ކަަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މިފަދަ މޭރުމަކުން ޓްވީޓް ކުރައްވައި އާދަމް ޝަރީފު ވަނީ، ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލިފައިވުމަކީ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

"ކޯވިޑް-19ގެ ހަތަރުވަނަ ރާޅު މިވަނީ ބިންދާލާފައި. މިބަލި ކޮންޓްރޯލް ކުރުމުގައިވެސް މި ދިމާވީ ދިވެހީންގެ ސިޔާދަތީ ބާރު ގެއްލިފައިވާ މައްސަލަ." އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އޮތް އެންމެ ބުއްދިވެރި ގޮތަކީ ފަރުދީ ޒިންމާ އަދާކޮށް، ސަބަބުތަކުގައި ހިފުމެވެ.