ކޮމިއުނިކޭޝަން މިނިސްޓްރީ އުވާލައި، ޒިންމާތައް ތިމާވެއްޓާބެހޭ ވުޒާރާއަށް

ސަރުކާރުގެ މުހިންމު އެއް ވައުދުތަކުގެ ތެރޭގައި ހިމެނޭ އިންޓަރނެޓް އަގުހެޔޮ ކުރުމުގެ މަސައްކަތް ނުކުރެވި އުޅެނިކޮށް ކޮމިއުނިކޭޝަން މިނިސްޓްރީ އުވާލައިފިއެވެ.

މިބަދަލަކީ ސަރުކާރުގެ ހިންގުން އިތުރަށް ރަނގަޅު ކުރުމަށް ގެނައި ބަދަލެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އުވާލައްވައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބަދަލުކުރައްވާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

އަދި، އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގައި ތިބި މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.