މިވަގުތު ހުސްކޮށް ހުރީ 11 އައިސީޔޫ އެނދު: މަބްރޫކް

މާލެ ސަރަހައްދުގައި ހުސްކޮށް މިވަގުތު ހުރީ 11 އައިސީޔޫ އެނދު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

"އަސުރު އޮންލައިން"އަށް މައުލޫމާތު ދެއްވަމުން މަބްރޫކް މިއަދު ވިދާޅުވީ ދަރުމަަވަންތަ ހޮސްޕިޓަލުގައި ހުރި އައިސީޔޫ އެނދުތައް ފުރިފައިވާ ކަމަށެވެ. މިހާރު ބާކީ ހުރީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުރި 11 އެނދެވެ. އެތަނުގެ އައިސީޔޫގައި އެކަކަށް ފަރުވާދެމުން އަންނަކަންވެސް ފާހަގަކުރެއްވިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، މަބްރޫކް ވިދާޅުވި ގޮތުގައި ޑީއެޗް11ގައި، ވެންޓިލޭޓަރުގައި ހަ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ނުދެވިއްޖެނަމަ، ހޮސްޕިޓަލުތައް ފުރި، ރާއްޖޭގެ ހާލަތު އަވަށްޓެރި އިންޑިއާފަދަ ގައުމުތަކުގެ ހާލަތާއި އެއްގޮތަށް ބަދަލުވެދާނެ ކަމުގެ ބިރުވެރި އިންޒާރު އެޗްއީއޯސީއިން ދެއެވެ.

އެޗްޕީއޭއިން އާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާރު ކޮވިޑު ޖެހިގެން 181 މީހަކަށް ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.