ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރަށް ދެއްކުނީ ހަމައެކަނި އަދަދުތަކެއް: ނަރީޝް

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ނަމުގައި، ސަރުކާރުން ރައްޔިތުންނަށް ދެއްކީ ހަމައެކަނި އަދަދުތަކެއް ކަމަށާއި، ކޮށްދެވުނު ކަމެއް ނެތް ކަމަށް މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ އިންތިޚާބީ މެމްބަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

"ގުޑް މޯނިން މޯލްޑިވްސް" ޝޯގައި ބައިވެރިވެވަޑައިގެން، މިއަދު ވާހަކަ ދައްކަވަމުން ނަރީޝް ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، އެމްޑީޕީއަށް މާލެ ސިޓީގެ މެޖޯރިޓީ ގެއްލިގެން ދިޔަ ސަބަބުތައް ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ސަބަބުތައް ވިދާޅުވެދެއްވައެވެ.

ނަރީޝް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ފެއިލްވުމަކީ، މާލެ ސިޓީގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަަމަށް ވީ ވައުދު ނުފުއްދުމެވެ. 20،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުއަށް، ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއެއްގައިވެސް ސޮއި ކުރެވިފައިނުވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ސަރުކާރަށް އެންމެ ފްލެޓެއް އެޅިފައިނުވާއިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަޅުއްވައިދެއްވި 7،000 ފްލެޓް ދިނުމުގައި އަމަލު ކުރި ގޮތުންވެސް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާ ދޭތެރޭގައި ރައްޔިތުން ހިތްހަމަ ނުޖެހުނު ކަމަށް ނަރީޝް ވިދާޅުވިއެވެ.

"ރައްޔިތުން ގަބޫލުކޮށްފި، އަމަލާއި ބަހާ ދިމާނުވާކަން. (ކައުންސިލް އިންތިޚާބުގައި) މާލެ ސިޓީގެ ރައްޔިތުން ވަނީ ބަސް ބުނެފައި. ބުނީ ދެން މިވަރުން އޯކޭއޭ." ނަރީޝް ވިދާޅުވިއެވެ.

ނަރީޝްގެ ވާހަކައިގައި ރައީސް ޔާމީނަށް ވަަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ. އެގޮތުން އޭނާ ވިދާޅުވި ގޮތުގައި މާލެ ސިޓީގެ ރައްޔިތުންނަށާއި، މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް އެންމެ ރަނގަޅީ ރައީސް ޔާމީންގެ ސިޔާސަތެވެ.