ހިޔާ ފްލެޓްތަކަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ގެނައި ކޭބަލްތައް ވަގަށް ނެގުމާއި ގުޅިގެން މަސައްކަތަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ގެނެސްފައިވާ ކަރަންޓް ކޭބަލްތައް ވަގަށް ނެގި މައްސަލަ އެޗްޑީސީން ދަނީ ބަލަމުންނެވެ.
އެކުންފުނިން ނެރެފައިވާ ނަޔާނެއްގައި ބުނީ އެތަކެތި ގެއްލިފައިވާކަން އެ ކުންފުނީގެ ސަމާލުކަމަށް އައުމާއިއެކު ކުންފުނީގެ އިންޓަރނަލް އޮޑިޓުންނާއި މޯލްޑިވްސް ޕޮލިސް ސާވިސަސްއާއި ގުޅިގެން ތަޙުޤީގުކުރަމުން އަންނަކަމަށެވެ.
ހުޅުމާލެ ފޭސް 2 ހިޔާ ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކަރަންޓުގެ ޙިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާއިރު މިފަދަ ކަމަކާއި ކުރިމަތި ވުމަކީ މިކަމުގެ ސަބަބުން މިމަޝްރޫޢު ހިންގުމަށް އެތަކެއް ދަތިތަކެއް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އަދި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މި މައްސަލަ ތަޙުޤީގުކޮށް މިކަމުގައި ބައިވެރިވާ ފަރާތްތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.