ކޯވިޑާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް ނައިބު ރައީސް ފައިސަލް ނުކުންނަވައިފި

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށްޓަކައި، ނައިބު ރައީސް ފައިސަލް ނަސީމް އެ ސެންޓަރުގެ މަސައްކަތްތައް ގާތުން ބައްލަވަން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އަދި ވަގުތީގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ގެ ސްޕޯކްސްޕަރސަންގެ މަގާމާއި ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީ (އެޗްއީސީސީ)ގެ ބައްދަލުވުން، ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއެކު ކޯޗެއާ ކުރައްވާނީ ނައިބު ރައީސް ކަމަށެވެ.

އަދި ދަރުބާރުގޭގައި ބާއްވާ އެޗްއީސީސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މަތީ ފަންތީގެ ބޭފުޅުންނާއެކު ކޮންމެ ދުވަހަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޕޮލިސީ ބައްދަލުވުމެއް ބާއްވާނެކަމަށްވެސް ވިދާޅުވިއެވެ. 
ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުން އަންނައިރު، އިއްޔެ އެކަނިވެސް 601 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.