ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ގާނޫނު އަސާސީން ލިބިދީފައިވާ، މިނިވަންކަމާއިއެކު ހިޔާލުފާޅު ކުރުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު، އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އެޑްވައިޒަރު، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވެފައިވަނީ ސިވިލް ސަރވިސްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓްތަކެއްގައެވެ. ޑރ.ޝަހީމް ވިދާޅުވި ގޮތުގައި ސިވިލް ސާވަންޓުންނަކީ، ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރުމާއެކު އަނގަ މަޑުންލައިގެން ތިބެން ޖެހޭ ބައެއް ނޫނެވެ.
އެއީ ތަހުޒީބު ވިސްނުމެއް ނޫންކަން ފާހަގަކުރައްވައި ޑރ.ޝަހީމް ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންނަކީ އެބަޔަކާއިމެދު މުޅި ގައުމު ފަހުރުވެރިވާން ޖެހޭ ބައެއް ކަމަށެވެ.
"މުޅި ދައުލަތް ހިންގުމުގެ ރައުސުލްމާލަކީ އެއީ" ސިވިލް ސަރވަންޓުންނަށް އިޝާރާތް ކުރައްވައި ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމްގެ ޓްވީޓްގައި ވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅު ކުރުމުގެ ހައްގު ކޮންމެ މީހަކަށްވެސް އޮންނަން ޖެހޭކަން ފާހަގަކުރައްވައި، އިންސާނީ ހަޟާރާތްތައް ކުރިއަރައި ދިޔުމުގައި އެކަމުގެ ދައުރު ބޮޑުކަމަށް ވިދާޅުވެފައެވެ.