މި ސަރުކާރުގައި ދީނަށް ފުރައްސާރަ ކުރާ މީހުންގެ ރޭންކު މަތިވޭ: އަލީ ރަމީޒު

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި، އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންގެ ރޭންކު މަތިވާ ކަމަށް ޖަމިއްޔަތުއްސަަލަފުގެ މެމްބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަޤާމުގައި ހުންނެވި އައިމިނަތު ޝައުނާ، މިއަދު ވަނީ އެންވަޔަރްމެންޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފައެވެ. 

މިއީ ޝައުނާއަށް ކެބިނެޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެކަަމަނާއަށް މަޤާމު ލިބިވަޑައިގަތުމާއެކު، މީގެ ކުރިން އިސްލާމް ދީނަށް ފުރައްސާރަކޮށް، މީސްމީޑިއާގައި ލިޔެފައިވާ ބައެއް ޕޯސްޓްތައް އަންނަނީ ދައުރުކުރަމުންނެވެ. 

އެގޮތުން އަލީ ރަމީޒު ޓްވިޓަރގައި ހިއްސާކުރައްވާފައިވާ ސްކްރީންޝޮޓްގައި ޝައުނާ ވަނީ ޚުތުބާއަށް ފާޅުގައި ފުރައްސާރަކޮށް، އެބަސް "ހޮޓްބަރ"ގެ ގޮތުގައި ލިޔެފައެވެ. 

އަދި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސެކްރެޓަރީ ސަބްރާ ނޫރައްދީންވެސް ވަނީ އެފަދަ މޭރުމަކުން ޚުތުބާއަށް ހަޖޫ ޖައްސަވައިފައެވެ. 

މި ސްކްރީންޝޮޓްތައް ހިއްސާ ކުރައްވައި އަލީ ރަމީޒު ވިދާޅުވީ، މި ސަރުކާރުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާނަމަ، އެމީހެއްގެ ރޭންކް "ހައި"ވާނެ ކަަަމަށެވެ. 

ޝައުނާއަށް މިއަދު އެންވަޔަރްމަންޓް މިނިސްޓަރުކަން ދެއްވީ، އެ ވުޒާރާގެ މަސްއޫލިއްޔަތުތައް އިތުރުކޮށް، ނަމަށްވެސް ބަދަލު ގެނައުމަށް ފަހުގައެވެ. އެންވަޔަރްމެންޓް މިނިސްޓްރީގެ ނަން ބަދަލުކުރީ މިނިސްޓްރީ އޮފް އެންވަޔަރްމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ބަަދަލުކޮށްފައެވެ.