ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް: އިތުރު 734 މީހުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 734 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. 

މިއީ އަނެއްކާވެސް ޕޮޒިޓިވް ކޭސްތަކުގެ އާ ރެކޯޑެކެވެ. ފާއިތުވި ދެ ދުވަހުވެސް ރެކޯޑް މިންވަރަކަށް މީހުން ކޯވިޑަށް ޕޮޒިޓިވް ވިއެވެ. 

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ވަގުތީ ތަރުޖަމާނުކަމާއި ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފާއިތުވި 24 ގަޑިއިރު 4،787 މީހުން ކޯވިޑަށް ޓެސްޓް ކުރެވުނުއިރު، އޭގެތެރެއިން 734 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. 

އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 540 މީހުންނާއި، މާލެއިން ބޭރުން ޕޮޒިޓިވް ވި 194 ފަރާތެކެވެ. 

"މިއީ މިހާތަނަށް ރާއްޖޭގައި ކޭސްތައް އެންމެ މައްޗަށް އެރި ދުވަސް. މިހާރު މިއޮތް ހާލަތަކީ ރާއްޖެއިން ކުރިން ނުފެންނަ ހާލަތެއް" މަބްރޫކް ވިދާޅުވިއެވެ. 

ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހިއްސާކުރައްވައި މަބްރޫކް ވިދާޅުވީ، ހެލްތު އިމަޖެންސީ އޮޕަރޭޝަން ކޮމެޓީގައި ނާއިބު ރައީސް ފައިސަލް ނަސީމް މަސައްކަތް ކުރައްވަން ފައްޓަވާފައިވާއިރު، އެ ކޮމެޓީގެ ބައްދަލުވުންތަކުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.  

 ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ގޭގައި މަސައްކަތް ކުރުމަށް ފިނޭންސް މިނިސްޓްރީން ލަފާ ދީފައިވާއިރު، މާލޭ ސަރަހައްދުގައި އިތުރު ސާމްޕަލް ކަލެކްޝަން ސެންޓަރަކާއި، ފްލޫ ކްލިނިކެއް ހެދުމަށް މަޝްވަރާ ކުރެވިފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.