ޓެކްނޮލޮޖީ މިނިސްޓްރީގައި މީގެކުރިން ތިއްބެވި ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ އަލީ ސޯލިހާއި އަހުމަދު އަފްޒަލް އިބްރާހިމް އެންވަޔަރަމެންޓް މިނިސްޓްރީއަށް މިއަދު ބަދަލުކޮށްފިއެވެ.
އެ ދެ ބޭފުޅުން ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އެންވަޔަރަމެންޓް މިނިސްޓްރީއަށް ބަދަލުކުރައްވާފައި ވަނީ، ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައްވައި އެ މިނިސްޓްރީގެ ޒިންމާތައް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރުމާއި ގުޅިގެންނެވެ.
މި ބަދަލާއެކު، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އާ ނަމަކީ މިނިސްޓްރީ އޮފް އެންވަޔަރުމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އެވެ. އެ މިނިސްޓްރީގެ ވަޒީރަކީ އެމްޑީޕީއަށް ނިސްބަތްވާ އާމިނަތު ޝައުނާ ވަނީ ހަމަ ޖައްސާފައެވެ. އޭނާ އަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
އަލީ ސޯލިހާއި އަފްޒަލްއަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވާފައިވާއިރު، އެ ދެ ބޭފުޅުންނަކީ މި ސަރުކާރުގައި ޓެކްނޮލޮޖީ މިނިސްޓްރީ އުފެއްދީއްސުރެ އެ ތަނުގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.
އަލީ ސޯލިހާއި އަފްޟަލްގެ އިތުރުން ރައީސް ވަނީ އަޙްމަދު މުޖްތަބާއާއި ޑޮކްޓަރ ޢަބްދުﷲ ނަޞީރު ވެސް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.