ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށް ރާއްޖެއިން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދުމަށް މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ފަހަކަށް އައިސް ރާއްޖެއިން ރެކޯޑު އަދަދަކަށް ކޯވިޑް ކޭސްތައް ފެންނަމުންދާއިރު، އަދަދުތައް މަދު ނުކުރެވިއްޖެނަމަ، ސިއްހީ ނިޒާމަށް ނުކަތާވަރުވެ، ރާއްޖެއިން ދެކެން ބޭނުން ނުވި ދުވަސް ދެކެން ޖެހިދާނެ ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ.
އެސެންޓަރުގެ ވަގުތީ ތަރުޖަމާނުގެ ގޮތުގައި މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާ، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވެފައިވަނީ މިހާލަތުން އަރައިގަތުމަށްޓަކައި ކެޕޭސިޓީ އިތުުރު ކުރަންޖެހޭ ކަމަށެވެ.
ޕީޕީއެމްގެ ނާއިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގޯހުންގޯހަށް ގައުމުގެ ހާލަތު ނުދަނީސް ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
" ވެކްސިންގެ ސްޓޮކް މަދުވެ ވެންޓިލޭޓަރ މަދުވެ ކޮވިޑަށް ފައްސިވުން އިތުރުވާ މިޙާލަތުގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި" ޑރ.މުއިއްޒު ވިދާޅުވިއެވެ.
ފާއިތުވި 24ގަޑިއިރު، ރާއްޖެއިން އިތުރު 734 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.