ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަޒްނާ ޝައުގުވެރިކަން ފާޅުކުރައްވައިފި

ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އިންސާނީ ވަސީލަތްތައް މަދުވެގެން ވޮލަންޓިއަރުން ހޯދުމަށް އިއުލާނު ކުރުމާއެކު، އެ މަސައްކަތް ކުރެެއްވުމަށް ފަސްޓްލޭޑީ ފަޒްނާ އަހްމަދު ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
 

ހެލްތު މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑްގެ އޮޕަރޭޝަންގައި ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަންނީ އިތުރު މުވައްޒަފުން ހޯދުމަށް ބޭނުންވެފައިވާ ކަމަށެވެ. 

މިކަމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަޒްނާ ވިދާޅުވެފައިވަނީ އެކަމަނާއަށް މިފަދަ މަސައްކަތްތަކުގައި ފުރުސަތެއް ދެއްވައިފިނަމަ އެކަމުގައި ބައިވެރިވެވަޑައިގަތުމަށް ހުންނެވީ ތައްޔާރަށް ކަމަށެވެ.

މީގެ ކުރިންވެސް އޮންލައިންކޮށް ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރައްވާފައިވާނެކަން ފަޒްނާ ފާހަގަކުރެއްވިއެވެ.

މިގޮތުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި، މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަން އަދި ޔުނިސެފާއި އެކު މަސައްކަތްކުރެއްވި ކަމަށް ވިދާޅުވިއެވެ.