އިދިކޮޅުގެ މަސައްކަތް ހުއްޓާލާނީ ރައީސް ޔާމީން މިނިވަންކޮށްފައި: އާދަމް ޝަރީފު

އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތައް ހުއްޓާލައި، ގެއަށް ވަންނާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށްފަހުގައި ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޔާމީން ގެއަށް ބަދަލުކުރުމާއިއެކު އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ. އާދަމް ޝަރީފު "އަސުރު އޮންލައިން"އަށް ވިދާޅުވީ، އިދިކޮޅުގެ ސިޔާސީ މަސައްކަތްތަކަށް ހުއްޓުމެއް ނެތް ކަމަށެވެ. އަދި އަމާޒަކީ ރައީސް ޔާމީން މިނިވަން ކުރުން ކަަމަށްވެސް ވަނީ ވިދާޅުވިއެވެ.

އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރާ މަސައްކަތްތައް ހުއްޓާނުލައްވާ ކަަމަށާއި، މިދުވަސްކޮޅު ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވަނީ ރަމަޟާންމަހުގެ ފަހު 10އަކަށް ވާތީ ކަމަށް ވިދާޅުވެފައެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ސޯޝަލް މީޑިއާގައި މިހާރުވެސް ކުރަން. ސަރުކާރުން މާވަށު ވޯޓަށް ނުފޫޒު ފޯރުވާތީ، ހޮނިހިރު ދުވަހުގެ ރޭ އޮޕޮޒިޝަންގެ ލީޑަރޝިޕް އޮތީ އިލެކްޝަންސް ކޮމިޝަން ތެރޭގައި" އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ އޭޕްރީލްމަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނު ގެއަށް ބަދަލު ކުރީ، އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ސިލްސިލާގޮތެއްގައި އިހްތިޖާޖުތައް ކުރަމުން ގެންދަނިކޮށެވެ.