ސިވިލްސާވަންޓުން ތިބެން ޖެހޭނީ އަނގަމަޑުން ލައިގެން ކަމަށް ވިދާޅުވި ސަލީމަށް އެތައް ބައެއްގެ ފާޑުކިޔުން

ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުން، ވަޒީފާގެ އެެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން، ކަށްވަޅަށް ދާންދެން ތިބެން ޖެހޭނީ އަނގަ މަޑުންލައިގެން ކަމަށް ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ސިވިލް ސަރވިސްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ، ސިވިލްސަވިސްގެ މުވައްޒަފުންނަކީ ވަކި މިންގަނޑުތަކަކަށް ބޯލަނބައި، ވަކި ހުދޫދެއްގެ ތެރޭގައި އުޅެން ޖެހޭ ބައެއް ކަމަށެވެ. ސިވިލްސަރވވަންޓުންނަށް ބޭނުންހާ އެއްޗެއްް ނުލިޔެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އޭނާ އަކީ ފޭސްލެެސް މީހެއްގެ ގޮތުގައި ތަޖުރިބާކާރުން ބުނަނީ. އޭނާ އަކީ އަޑެއް ނެތް މީހެއް. އޭނާ އަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުން ލައިގެން ހުންނަން ޖެހޭ މީހެއް". ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ މިވާހަކަތަކާއި ގުޅިގެން މީސްމީޑިއާގައި އެތައް ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވެއެވެ. ސަލީމަށް ނުރުހުމުގެ ބަސްތައް ރައްދު ކުރި މީހަކު ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ވަނީ ހިޔާލުފާޅު ކުުރުމުގެ މިނިވަންކަމުގެ ހައްގަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަންގަވާ ބޭފުޅުންނަށް އެކަނި އޮންނަން ޖެހޭ ހައްގެއް ނޫން ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮންމެ މަހަކު 80،000 ރުފިޔާ މުސާރައިގެ ގޮތުގައި ނަންގަވައިގެން އެފަދަ ވާހަކަ ދައްކަވަން ސަލީމް ލަދު ގަންނަން ޖެހޭ ކަމަށްވެސް އެ ޕޯސްޓްގައިވެއެވެ. 

އިތުރު މީހަކު ފާޅުކުރި ހިޔާލެއްގައި ވަނީ ސަލީމް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު، ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދިފާއުގައި ނުކުމެ އަޑުު އުފުލި ކަމަށާއި، ބާރުތައް ލިބުމުން ރާގު ބަދަލުވެ، ރައްޔިތުންނަށް ބިރު ދައްކަން މަސައްކަތް ކުރާ ކަަމަށްވެސް އެމީހާ ބުނެފައިވެއެވެ. 

ސިވިލްސަރވަންޓުންނާ ގުޅޭގޮތުން ސަލީމް ދެއްކެވި ވާހަކައަށް އިދިކޮޅުގެ ފާޑުކިޔުންވެސް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.