ބޯހިޔާވަހިކަމުގެ ހައްޤަކީ ހަމަ ކޮންމެ އިންސާނަކަށް ލިބެންޖެހޭ ވަަރަށް އަސާސީ ހައްގެކެވެ. މަހުޖަނަކަށް ވިޔަސް، ކިތަންމެ ދެރަ ނިކަމެތި ފަގީރަކަށް ވިޔަސްމެއެވެ. އެހައްގުން މަހްރޫމްވެފައިވާ އެތައް ބަޔަކު، އަޅުގަނޑުމެންގެ މި މުޖްތަމައުގައިވެސް އެބަ ދިރިއުޅެއެވެ.
2017 ވަނަ އަހަރުގައި، ކުރީ ސަރުކާރުން ފެށި އިޖްތިމާއީ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ "ހިޔާ"އިން ބޯހިޔާވަހިކަމުގެ ހައްގު ގެއްލިފައިވާ އެތައްހާސް ބަޔަކަށް އުއްމީދެއް ދިނެވެ. ތާއަބަދު ކުލީގެ އަޅުވެތިކަމުގައި އުޅެން ނުޖެހޭނެކަމުގެ ފޮނި ހުވަފެން ދައްކުވައިދިނެވެ.
އޭރު ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު އެތައް ބަޔަކަށް ބޮޑު ތަސައްލީއެއް ލިބިގެންދިޔައިރު، އެ ނަސީބުވެރިންގެ ތެރޭގައި ހަތަރު ދަރިންގެ މަންމަ އަންފޫޒާ އާދަމްވެސް ހިމެނުނެވެ. ފްލެޓް ޔަޤީންވުމުން، އަންފޫޒާއާއި އޭނާގެ ދަރިން ތިބީ ވަަރަށް އުފަލުންނެެވެ.
އެހެންނަމަވެސް ކަންވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ސަރުކާރަކުން ދީފައި އޮތް، ދައުލަތުގެ ނިޝާންޖެހި ލިޔުމެއް އެހެން ސަރުކާރަކުން އަތުލާފާނެ ކަމަށް ކުރިން ގަބޫލު ކުރެވިފައި ނެތަސް، އަންފޫޒާއަށް ކުރިމަތިލާން ޖެހުނީ އެހަގީގަތާއެވެ.
ހިޔާ ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ ކެޓެގެރީތަކުގެ ތެރެއިން، އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީން ފުލެޓް ލިބޭ ފަރާތެެއްގެ ގޮތުގައި އަންފޫޒާ އޭރު އޮތީ ހޮވިފައެވެ.
ނަމަވެސް ސަރުކާރު ބަދަލުވުމުން، އެ ކެޓަގަރީއަށް ހުށަހަޅާފައިވާ ފޯމުތައް، ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ދިރާސާކުރުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ދާއިމީ ލިސްޓުގައި އަންފޫޒާގެ ނަން ހިމެނިއެވެ.
އަންފޫޒާ މިކަމުގެ ޝަކުވާ ކުރަމުން އަންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އޭނާގެ ހަތަރު ދަރިންނާއިއެކު އުޅެމުންދާ ހާލު ފެންނަ ފޮޓޯއާއި ވީޑިޔޯ، ދޭތެރެ ދޭތެރެއިން މީސްމީޑިއާގައި ހިއްސާ ކުރެއެވެ. އެ ފޮޓޯއާއި ވީޑިއޯތަކުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ޓެގްވެސް ކުރެއެވެ. އެއްވެސް ފަރާތަކަށް އެ އާދޭސްތަކުގެ އަޑެއް ނީވުނެވެ.
ފްލެޓް ގެއްލުނު މައްސަލައިގައި ފްލެޓް ކޮމިޓީއަށް ފްލެޓް ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުން، ޕޮއިންޓް ދީފައިވާނީ ރަނގަޅަށްކަމަށް އޭނާއަށް އެންގި ކަަމަށް އަންފޫޒާ ބުނެއެވެ.
މި މައްސަލައިގައި ހައުސިން މިނިސްޓްރީއަށްވެސް ޝަކުވާ ހުށަހެޅުމުން އެެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް އޭނާ ބުނެއެވެ.
އަންފޫޒާ މިއަދު ކުރި ޓްވީޓެއްގައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ވީޑިއޯއެއް ހިއްސާކޮށް، އިންސާފު ކޮބައިތޯ ސުވާލު ކޮށްފައެވެ. ލިޔުން ލިބި، ޔަގީންވެފައިވާ ބޯހިޔާވަހިކަން އަތުލިއިރު، ހިތަށް އެއްވެސް އަސަރެއް ނުކުރޭތޯވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
ހިޔާ ފްލެޓް ލިބުނު މީހުންގެ ލިސްޓަށް ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާއިރު، ކުރިން ފްލެޓް ލިބުނު އެތައް ބައެއްގެ ފްލެޓް ގެއްލުނެވެ.
ފްލެޓް ގެއްލުނު މީހުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ އާންމުންގެ އެކުވެރި ގުޅުން ޖަމުއިއްޔާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ފްލެޓް ލިސްޓަށް ގެނައި ބަދަލުގެ އިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ބަދަލު ގެެނެސް، ބައެއް ކެޓަގަރީތައް އުވާލަން ނިންމުމުން، 5000އެއްހާ ރައްޔިތުންގެ ހައްގު ގެއްލިގެން ދިޔަ ކަމަށެވެ.
އަންފޫޒާމެން ފަދަ އެތައް ބައެއްގެ އެދުމަކީ، އަތުން ބީވެގެން ދިޔަ ބޯހިޔާވަހިކަން އަނބުރާ ލިބުމެވެ.