ހާލަތުން އަރައިގަތުމަށް ހިލޭ މަސައްކަތް ކޮށްދެއްވަން އިހުސާންވެސް ތައްޔާރު

ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތުގައި ވޮލަންޓިއަރކޮށް މަސައްކަތްކޮށްދެއްވަން ތައްޔާރު ކަަމަށް  ކެޕްޓަން ރިޓަޔާޑް ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވެފައިވަނީ، ކޯވިޑް މެނޭޖް ކުރުމުގެ ކަންކަން ސިފައިންނާއި ފުލުހުންނާ ހަވާލު ކުރުމަށް ގޮވާލައި ކުރެއްވި ޓްވީޓެއްގައެވެ. 

މިކަމަށް ގޮވާލައްވައި އިޙުސާން  އެދިވަޑައިގަތީ ޑޮކްޓަރުންގެ ޓީމަކީ ފަންނީ އިރުޝާދު ދެއްވާ ބޭފުޅުންތަކެއް ކަމުގައި ހަމަޖައްސައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަކީ ކަންކަަން ހިންގުމުގެ އިދާރީ މަސައްކަތްތަކުގައި އެންމެ އިސް ފަރާތް ކަމުގައި ހަމަޖެއްސުމަށެވެ.

އެއާއެކު، ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ކަންކަން ރާވައި ކޮންޓްރޯލުކުރުމުގެ ހުރިހާ ޒިންމާއެއް ސިފައިންނާ ފުލުހުންނާ މަތިކުރުމަށްވެސް އޭނާ  ގޮވައިލެއްވިއެވެ. ސަލާމަތީ ޚިދުމަތްތަކުގައި ކުރިން މަސައްކަތްކުރެއްވި ވަރަށް ގިނަ އޮފިސަރުންވެސް ދަރުމައަށް އެ މަސައްކަތުގައި އެހީތެރިވެވަޑައިގަންނަވަން ބޭނުންވެލައްވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.