ސަރުކާރުންނާއި އިދިކޮޅު ފަރާތްތަކުންވެސް ރައްޔިތުންގެ ފުރާނައަށް އިހްތިރާމްކޮށް މިދުވަސްވަރު އެއްވެސް ތަނަަކަށް އެއްނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.
ދިވެހިރާއްޖޭގެ ހާލަތު ގޯހުން ގޯހަށްގޮސް، އިއްޔެވެސް ވަނީ އިތުރު 734 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ހޮސްޕިޓަލުތައް ފުރި، ސިއްހީ އެހީތެރިން ނުލިބޭ ހިސާބަށް ކަންކަން ގޮސްދާނެ ކަމުގެ ބިރަށް، އެޗްޕީއޭއިން ރޭ ވަނީ މާލެ ސަރަހައްދުގެ ކާފިޔު ވަގުތުވެސް އިތުރުކޮށް، ޒަރޫރީ ބޭނުމެއްގައި ނޫނީ ރޭގަނޑު 9އިން ފަތިހު ހަތަރުގަޑި ސުންމިނެޓާއި ހަމައަށް ގެއިން ނުކުތުންވެސް މަނާކޮށްފައެވެ.
މޫސަ ކުރެއްވި ޓްވީޓުގައި ރާއްޖޭގެ ހާލަތާއިމެދު ކަންބޮޑުވުންފާޅު ކުރައްވައި ވިދާޅުވީ، ސިޔާސީ ފަރާތްތައް ބޭނުންވި ގޮތަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް ބޭއްވިއްޖެ ކަމަށެވެ. އެހެންވެ، މިދުވަސްވަރު މަގުތަކަށް ނުނިކުތުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، މޫސަ އަކީ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނޫންކަމުގައިވިޔަސް، ހާލަތުން އަރައިގަތުމަށްޓަކައި ވެވުނު އެހީތެރިކަމެެއް ފޯރުކޮށްދެެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުން، އެޗްޕީއޭއަކީ ބޮޑު ޖޯކަކަށް ހަަދައި، ރައްޔިތުންގެ ކުރިމަތީގައި އަގުވެސް ވައްޓާލެވިއްޖެ." މޫސަ އިތުރަށް ވިދާޅުވިއެވެ.
ފާއިތުވި 24 ގަޑިއިރު، ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ އަނެއްކާވެސް ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ.
އެގޮތުން އިތުރު 734 މީހުން ބައްޔަށް ޕޮޒިޓިވް ވީއިރު، އިއްޔެވެސް، އެންމެ ގިނައިން ޕޮޒިޓިވް ވީ މާލެ ސަރަހައްދުންނެެވެ. މާލެ ސަރަހައްދުން އިއްޔެ ފެނުނީ 540 ކޭހެވެ.