ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެ، މި ބަލީގައި ނިޔާވި މީހުންގެ އަދަދު 75 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)އިން ބުނި ގޮތުގައި، ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވި އުމުރުން 77 އަހަރުގެ އަންހެނެކެވެ. އެމީހާ ނިޔާވީ ހުޅުމާލެ ކޮވިޑް ފެސިލިޓިގައި ކޮވިޑަށް ފަރުވާ ދެމުން އަންނަނިކޮށެވެ.
އެ މީހާ ނިޔާވުމާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ބަލިޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 75 އަށް އަރާފައިވެއެވެ.
އިއްޔެ އެކަނިވެސް، ރާއްޖެއިން ކޮވިޑަށް 734 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 500 އަށްވުރެ ގިނަ މީހުން މާލެ ސަރަހައްދުން ޕޮޒިޓިވް ވިއެވެ. އަތޮޅުތެރެއިން ޕޮޒިޓިވް ވީ 186 މީހުންނެވެ.