ކޯވިޑް-19ގެ ނުރައްކަލުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި އެހީތެރިވެ، ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހާމަކޮށްފިއެވެ.
އެކޯލިޝަނުން މިކަން ހާމަކުރީ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމާއި، ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރުގެ އިތުރުން، ޕީއެންސީގެ ނައިބު ރައީސް ރައީސް މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި، އާދަމް ޝަރީފު ވިދާޅުވީ، މިއަދުގެ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް، ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް ހުށަހަޅައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
މީގެ އެއް އަހަރެއް ކުރިން، ކޯވިޑްގެ ކޭސްތައް އެންމެ ފުރަތަމަ ރާއްޖެއިން ފެންނާން ފެށި ދުވަސްވަރުގައިވެސް، އިދިކޮޅުން އެހީވާން ތައްޔާރަށް ހުރިކަން ސަރުކާރަށް އަންގާފައިވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އެންމެ ފުރަތަމަ މިކަން ކުރިމަތިވީއިރުވެސް، ސަރުކާރަށް އެހީތެރިވާން ހުށަހެޅިން. ވޮލަންޓިއަރކޮށް މަސައްކަތްކޮށްދޭނެ މީހުންގެ ކޮންޓެކްޓްވެސް ދެވިފައިވާނެ" އާދަމް ޝަރީފު ވިދާޅުވިއެވެ.
މަޑުޖެހުމެއް ނެތި ކޯވިޑްގެ ކޭސްތައް އިތުރުވަމުން އަންނައިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މިހާތަނަށް ސަރުކާރަށް އެދެވޭ މަސައްކަތްތަކެއް ކޮށްދެވިފައިނުވާ ކަމަށް ވިދާޅުވެ، އާދަމް ޝަރީފު ކަންބޮޑުވުވެސް ފާޅުކުރެއްވިއެވެ.