ދީނަށް ފުރައްސާރަކުރާ މީހުންނަށް ދައުލަތުގެ އިސް މަގާމުތައް ނުދިނުމަށް ގޮވާލައިފި

ދީނަށް ފުރައްސާރަކުރާ މީހުންނަށް ދައުލަތުގެ އިސް މަޤާމުތައް ދިނުމަކީ އިސްލާމީ ދައުލަތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަަމަށް އިލްމުވެރިންގެ ގުޅުން ޖަމުއިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

އެޖަމުއިއްޔާއިން މިފަދަ ކަންބޮޑުވުމެއް ފާޅުކޮށްފައިވަނީ، އެންވަަޔަރްމަންޓް މިނިސްޓަރުގެ މަގާމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ކުރިން ހުންނެވި އައިިމިނަތު ޝައުނާ އައްޔަން ކުރެއްވުމާއި ގުޅިގެން، މީސްމީޑިއާގައި، އެކަމަނާ ދީނަށް ފުރައްސާރަކުރިކަން ހާމަވާ ޓްވީޓްތަކެއް ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެޖަމުއިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގިސާސް ހިފުންފަދަ އިސްލާމީ ޝިއާރުތަކަށާއި، ހައްދުތައް ގާއިމު ކުރުމާއި، މިސްކިތްތަކުގެ ދެވޭ ހުތުބާތަކާއި، ނަސޭހަތްތަކަށް ހަޖޫޖެހުމަކީ، ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކޮށް، އެފަދަ އަމަލުތައް ކުރާ މީހުންނަށް ދައުލަތުގެ އިސް މަގާމުތަައް ދިނުމަކީ އިސްލާމީ ދައުލަތެއްގެ ބާރުތައް ހަވާލު ކުރެވިފައިވާ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އެހެންވެ އެޖަމުއިއްޔާއިން އެދުނީ، ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ކިރިޔާވެސް ދައުރެއް އަދާކުރެވެން އޮތް ކޮންމެ މީހަކު އައްޔަން ކުރުމުގައި، އިސްލާމް ދީނަށް ހަޖޫ ނުޖަހާ، އަދި ދީނަށް ހުރުމަތްތެރިކޮށް ހިތާ މީހުން އައްޔަން ކުރުމަށް އިސްކަން ދިނުމަށެވެ.
އިލްމުވެރިންގެ ގުޅުން ޖަމުއިއްޔާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އިސްލާމް ދީނުގެ ހުކުމްތަކަށް ހަޖޫ ޖަހައި ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އިސް މެމްބަރުންނަށް ބޮޑު މުސާރަ ލިބޭގޮތަށް އެކި މަޤާމުތައް ދިނުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.