މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން އަދި ނުނިންމާ: އެޗްއީއޯސީ

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމާއިމެދު އަދި ގޮތެއް ނިންމާފައިނުވާ ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެސެންޓަރުގެ ވަގުތީ ތަރުޖަމާނުގެ ގޮތުގައި ހުންނެވި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ އެކަމާއިމެދު އަދި ވަކި ގޮތެއް ނުނިންމާ ކަަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވާން މާބަނޑު މީހުނަށް ފައިޒާ ބަޔޮންޓެކް ވެކްސިން ދޭން ތައްޔާރުވަމުން އަންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވަނީ ވިދާޅުވެފައެވެ. 
ފައިސަލް މިހެން ވިދާޅުވީ އައިޖީއެމްއެޗްގެ ޑައިޓީޝަން ޑރ. އާސިޔާ އަބްދުއްރަހީމް ޓްވީޓާގައި ފާޅު ކުރެއްވި ޝުއޫރަކަށް ޖަވާބު ދެއްވަމުންނެވެ.

އާސިޔާ ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ހަނގުރާމަ ކުރަން އޭނާ ފަސް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ކުދިންނާ ދޭތެރޭ ވިސްނޭ ކަމަށެވެ.

އޭނާ އިނީ ބަލިވެކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އޭނާއަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ މާބަނޑު މީހުނަށް ފައިޒާ ވެކްސިން ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ކޯވިޑް19 އިން ދިފާއުވުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ކޮވެކްސް ފެސިލިޓީ އިން ފައިޒާ ވެކްސިންގެ 5850 ޑޯޒް ރާއްޖެއަށް ފޮނުވީ، މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.