އިންޑިއާއަށް އަތުވެދާނެ ކޯވިޑް-19ގެ އިތުރު ރާޅުތައް ނުހުއްޓުވިދާނެކަމުގެ އިންޒާރު ސައިންސްވެރިން ދީފިއެވެ.
ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ ސަރުކާރަށް ލަފާދޭ އިސް ސައިންޓިސްޓަކު ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެގައުމުގައި ކޯވިޑްގެ ކޭސްތައް ވަަރަށް ބޮޑަށް އިތުރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ.
އިންޑިއާގެ ސަރުކާރަށް ލަފާދޭ ސައިންޓިސްޓެއް ކަމުގައިވާ، ކޭ ވިޖޭ ރަގަވަން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި، އިންޑިއާއަށް އަރާފައިވާ ކޯވިޑްގެ ރާޅުގެ ތިންވަނަ ފޭސްއާއި ބައްދަލު ކުރަން ޖެހިދާނެއެވެ.
މިހާރު ކޭސްތައް އިތުރުވަމުން އަންނަ ރޭޓަށް ބަލާއިރު، އެއީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އިންޑިއާގައި ކޯވިޑް ކޭސްތައް ކޮންޓްރޯލުން ނައްޓައި، ހޮސްޕިޓަލުތަކަށް ވަނީ ބޮޑު ބުރައެއް ކުރިމަތިވެފައެވެ. އެގޮތުން ހޮސްޕިޓަލުތަކުން އެނދު ނުލިބުމުގެ އިތުރަށް، އޮކްސިޖަން ލިބުމުގައިވެސް ދަތިތައް ކުރިމަތިވެފައިވެއެވެ.
މިހާލަތުގައި ފަރުވާ ހޯދޭނެއް ގޮތެއް ނެތި، ބައެއް މީހުން އެމްބިއުލާންސްތަކާއި، ކާރު ޕާކު ކުރާ ތަންތަނުގައި މަރުވެފައިވެއެވެ. ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެ، މޯޗަރީތަކާއި، މަރުވާ މީހުންގެ ހަށިތައް އަންދާ ތަންތަނުގައިވެސް ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.
ކޯވިޑް ކޮންޓްރޯލް ކުރުމަށް އިންޑިއާ ސަރުކާރު ފެއިލްވެ، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
ބުދަ ދުވަހު އެކަނިވެސް، އިންޑިއާއިން 382،315 މީހަކު ކޯވިޑަށް ޕޮޒިޓިވް ވިއެވެ. އަދި 3،780 މީހަކު މިބަލީގައި ވަނީ މަރުވެފައެވެ.