ސިފައިންނަށް ފްލެޓް ނުދޭން ނިންމި ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: މާރިޔާ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ތެރެއިން، ސިފައިންނަށް ހާއްސަކޮށްފައިވާ ފްލެޓްތައް ނުދޭން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރީ ދޮގު ޚަބަރެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ފުލުހުންނާއި ސިފައިންގެ ކެޓަގަރީ އުވާލުމަށް ނިންމާފައިވާ ކަމަށް ބުނެ "ވޮއިސް"ގައި ލިޔެފައިވާ ޚަބަރެއް ޓްވިޓަރގައި ހިއްސާ ކުރައްވައި، މިނިސްޓަރު މާރިޔާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެއީ ރޯ ބުހުތާނު ދޮގު ކަމަށެވެ.

ސިފައިންނަށް ކަނޑައެޅިފައިވާ 300 ފްލެޓް ލިބޭ މީހުންގެ ފޯމުތައް ދިރާސާކޮށް، އިންޓަރވިޔުވެސް ކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. 

މާރިޔާ މިހެން ވިދާޅުވިނަމަވެސް، ފުލުހުންނާއި ސިފައިންގެ ފްލެޓްތައް ނުދޭން ނިންމާފައިވާ ކަމަށް ބައެއް ފުލުހުންނާއި ސިފައިންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް އާއްމުންގެ އެކުވެރި ގުޅުން ޖަމުއިއްުޔާއިން ވަނީ ހާމަކޮށްފައެވެ. ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އެ ޖަމުއިއްުޔާއަކީ ހިޔާ މަޝްރޫއުގެ ދަށުން، ކުރިން ފްލެޓް ލިބި، އާ ލިސްޓުގައި ނަން ނެތް މީހުންނަށް އަލުން ފްލެޓް ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމުއިއްޔާއެކެވެ. 

ހިޔާގެ ދަށުން ފުލުހުންނާއި ސިފައިންނަށް ހާއްސަ ކެޓަގަރީ އުވާލަން އުޅޭކަމުގެ އަޑުފެތުރިފައިވާއިރު، ސަރުކާރުން މިހާތަނަށް ހިޔާ ފްލެޓްތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެއްކޮޓަރީގެ ފްލެޓްގެ ބައިގައި ހިމެނޭ ތިން ކެޓަގަރީއެއް ވަނީ އުވައިލައިފައެވެ.