ކޯވިޑް-19 ކޮންޓްރޯލް ނުކުރެވިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވާތީ ފަސްޓްލޭޑީ ފަަޒްނާ އަހުމަދުގެ ކޮއްކޯފުޅު، އަދި ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދުގެ އަނބިކަނބަލުން ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ނަޒީހާ، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރަށް ފާޑުކިޔަމުންދާއިރު، ދިވެހީން އަވަށްޓެރި ގައުމުތަކުގެ ހާލަތަށް ނަަޒަރު ހިންގާލަން ޖެހޭ ކަމަށެވެ.
އެގައުމުތަކުގައި ސަރުކާރުތަކަށް ކޯވިޑް މެނޭޖް ނުކުރެވި، އެތައް ބަޔަކު މަރުވަމުންދާއިރު، ދިވެހީންނަށް ވެކްސިން ލިބުމަކީ ނަސީބެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަޒީހާ ވިދާޅުވިގޮތުގައި، ސަރުކާރުން ކޮންމެހެން ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދޭން ނުވެސް ޖެހެއެވެ.
ކޯވިޑްގެ ހާލަތު ގޯސްވަނީ ސަރުކާރުގެ އިހުމާލުން ކަމުގައި ދެކޭނަމަ، އަމިއްލަ ނަފްސާއި ސުވާލުތަކެއް ކުރުމަށް ނަޒީހާ އެދިލެއްވިއެވެ. އެގޮތުން އަތްދޮވެ، ގައިދުރުކޮށް، އިރުއިރުކޮޅުން އަތް ދޮންނަންތޯވެސް އެއްސެވިއެވެ.
ކޯވިޑްގެ އެންމެ ގޯސް ހާލަތަށް ތައްޔާރުކަމަށް ސަރުކާރުން އަބަދުވެސް އައީ ބުނަމުންނެވެ. އަދި ހާލަތު ގޯސްވެ، ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ޖެހިއްޖެނަމަ، އެކަން ކުރެވޭ ވަރަށްވެސް ތައްޔާރު ކަަމަށް ބުނެފައިވެެއެވެ.