ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލުމާއި ގުޅިގެން އެމަނިކުފާނަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެެވެ.
އަސުރު އޮންލައިންއަށް އެނގިފައިވާ ގޮތުގައި، މިކަން ހިނގާފައިވަނީ ނަޝީދު ދިރިއުޅުއްވާ ގެކޮޅުކަމަށްވާ ގ. ކެނެރީގެ ހިމެނޭ ސަރަހައްދުގައެވެ. އެއީ އަތަމާ ޕެލެސް ހޮޓަލް ކުރިމައްޗެވެ.
މަންޒަރު ދުށް މީހުން ބުނީ، އެއްޗެއް ގޮއްވާލީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ކަމަށެވެ.
މި ހާދިސާގައި ކެނެރީގެ ކައިރީގައި ހުރި ސައިކަލެއް ކައިރީގައި އެއްޗެއް ގޮވައި، ބިދޭސީއަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެސަރަހައްދު ބަންދުކޮށް، ފުލުހުން ދަނީ މިކަން ބަލަމުންނެވެ. ނަަމަވެސް މިހާތަނަށް މިކަމުގައި ފުލުހުންގެ ބަހެއް ނުލިބެއެވެ.