ރައީސް ނަޝީދަށް ދިން ހަމަލާ ބޮޑު އިސްކަމެއް ދީގެން ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާގެ ތަހުގީގު ބޮޑު އިސްކަމެއްދީގެން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ނަޝީދުގެ ގެކޮޅު ގ.ކެނެރީގެ ކައިރި އެއްޗެއް ގޮއްވާލުމާއި ގުޅިގެން އެމަނިކުފާނަށް ވަނީ ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ. އެމަނިކުފާނަށް މިވަގުތު އޭޑީކޭގައި ފަރުވާ ދެމުންދާއިރު އެއްޗެއް ގޮވާފައިވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ކަމަށް އެނގިފައިވެއެވެ. 

ފުލުހުން ދެންމެ ބުނީ މިރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް ލެވެލް 3 އަށް މަތިކޮށްފައިވާ ކަމަށެވެ. އަދި ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިރޭ ދިން ހަމަލާއާއި ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލްވުމެއްވެސް ވަނީ ބާއްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއާ ގުޅިގެން ރައީސް ސޯލިހު ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކެބިނެޓް ބައްދަލްވުމުގެ ކުރީން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންވެސް ވަނީ ބައްދަލު ކުރައްވާފައެވެ.