ފަސް ރަށެއްގައި ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭއިން ބުނީ ކާފިއު ހިންގުމަށް ނިންމާފައިވަނީ ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުށީގައެވެ. އެގޮތުން ކާފިއު ހިންގުމަށް ނިންމާފައިވަނީ އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެންނެވެ.
އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމެއްގައި ވަނީ މި ފަސް ރަށުގައި އިއްޔެ ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން މަނާކޮށްފައެވެ.
އަދި ޕާޓީތަކާއި، ޙަފްލާތަކާއި،ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
މީގެއިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި، ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމުގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.