ރޭޕް ކުރުމުގައި ބައިވެރިވި މީހުން ހައްޔަރުކުރަން ގޮވާލައި ހަމަނުޖެހުން ހިންގި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ، އެރަށު ޕޮލިސް ސްޓޭޝަން ކައިރީގައި ހަމަނުޖެހުން ހިންގި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ.  ބުދަ ދުވަހުގެ ރޭ، އެރަށުގައި ހަމަނުޖެހުން ހިންގައި، ދައުލަތުގެ މުދަލަށް ގެއްލުންދީ، ފުލުހުންނަށް ހަމަލާދީފައިވާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. 

އުތުރުގެ ރަށެއްގައި ގްރޭޑް 8ގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރު ރޭޕް ކުރީ އޭނާގެ ޓީޗަރަކާއި، ފުލުހެއްގެ އިތުރުން، އެހެން މީހެއްގެ ބައިވެރިވުމާއި އެކީގައި ކަމަށް އެރަށުން މައުލޫމާތު ދިން މީހުން ތުހުމަތު ކުރެއެވެ. މި ހާދިސާގައި ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާ ވަނީ އޭނާއަށް ކުރިމަތިލާން ޖެހުނު ކަންކަން ޖެންޑަރ މިނިސްޓްރީއަށްވެސް ކިޔައިދީފައެވެ. އެކުއްޖާ މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައެވެ. 

އަންހެންކުއްޖާ ރޭޕް ކުރި ކަމަށް އެކުއްޖާގެ އާއިލާއިން ތުހުމަތު ކުރަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެދުވަހުގެ ފަހުން އެ އަންހެން ކުއްޖާގެ އުޅުމަށް ބަދަލު އައިސް، ގިނަ ވަގުތު އެކަނި ހޭދަކުރުމާއި، ފިރިހެނަކު ފެނުމުން ބިރުގަނެ، ހަޅޭލެވުން ފަދަ ކަންކަން ފާހަގަވި ކަމަށް، އަންހެން ކުއްޖާގެ އާއިލާއާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. 

މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރު ނުކުރާތީ، އަންހެން ކުއްޖާ ނިސްބަތްވާ ރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.