ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ ރާއްޖޭގެ އިގްތިސާދަށްވެސް ދިން ހަމަލާއެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން، މީޑިއާތައް މެދުވެރިކުރައްވައި، ވަގުތުން ދެއްވި ބަސްދީގަތުމުގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއަކީ، ރާއްޖޭގެ ޑިމޮކްރަސީއަށާއި، އިގްތިސާދަށްވެސް ދިން ހަމަލާއެއް ކަމަށެވެ.
"މިފަދަ އަމަލުތަކަށް، މިދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިކަން ކަށަަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތި އަޅަމުންގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް ދިން ހަމަލާއިން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން އަންނައިރު، އިތުރު އޮޕަރޭޝަނެއް ކުރުމަށް ވަނީ ތައްޔާރުވެފައެވެ.