ރައީސް ނަޝީދަށް ދިން ހަމަލާ ތަހުގީގު ކުރުމަށް އޮސްޓްރޭލިޔާގެ ފުލުހުން ގެންނަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލައިގެ ތަހުގީގަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސްގެ ފުލުހުންގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
 

ރައީސް ނަޝީދުގެ ގެކޮޅު ކައިރިން ނީލޯފަރު ހިނގުމުން އެމަނިކުފާނު  ކާރަށް އަރައި ވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާއާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ދިފާއީ ބާރުތަކުން އެމައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ. 

"އޮސްޓްރޭލިއަން ފެޑްރަލް ޕޮލިސް މި ތަހުގީގުގައި ބައިވެރިވުމަށް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވި ގޮތުގައި، މިހަމަލާގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމައި މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކަށް އެމަނިކުފާނު ވަނީ އަންގަވައިފައެވެ. 

"މިރޭ މާލޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން. ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ މިހަމަލާގައި. އެމަނިކުފާނުގެ ހަށިކޮޅަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައި." ރައީސް ސޯލިހު ވިދާޅުވި އެވެ.