ރައީސް ނަޝީދަށް ދިން ހަމަލާއަކީ ބިރުވެރި އިންޒާރެއް: މުހައްމަދު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ރޭގެ ވަގުތެއްގައި ދިން ހަަމަލާ އަކީ ބިރުވެރި އިންޒާރެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. 

ރަޝީދު މިހެން ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެހަމަލާ އަކީ ހަމައެކަނި ރައީސް ނަޝީދަށް ދެވުނު ހަމަލާއެއް ނޫނެވެ. އެއީ ބިރުވެރި އިންޒާރެއްގެ ގޮތުގައި ރަޝީދު ސިފަކުރެއްވިއެވެ.

"ތިހެން ދައްކާ ބިރަކަށް ސިހޭކަށް ނެތިން. ރައީސްއާ އެކީ ފަސްނުޖެހި އަޅުގަނޑު ކުރިއަށްދާނަން" ރަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދަށް ދިން ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް އޮސްޓްރޭލިއާގެ ފުލުހުންގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.