ރޭގަނޑު ދަންވަރު ރައްޔިތުންނާ މުހާތަބު ކުރެއްވިއިރު ކޯވިޑްގައި ނިޔާވި މީހުންނަށް ދުއާ ކުރައްވާނެކަމަށް ހީކުރިން: ނިމާލް

ކޯވިޑް-19ގެ ހާލަތު ގޯސްވެފައިވަނިކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުންނާ މުހާތަބު ކުރެއްވިއިރު، އެ ނުރައްކާތެރި ބަލީގައި އެންމެ ދުވަހެއްގެ ތެރޭގައި ދުނިޔެ ދޫކުރި މީހުންގެ މަތިން ހަނދުމަފުޅު ނުކުރެއްވުމުން، ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ނިމާލު ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއާއި ގުޅިގެން، ރައީސް ސޯލިހު ވަނީ، ރޭ ދަންވަރު 2:30ގައި މީޑިއާތައް މެދުވެރިކުރައްވައި ހިތޯބެއް ދެއްވައިފައެވެ. 

އެ ހިތޯބުގައި ރައީސް ނަޝީދުގެ ހާލުކޮޅާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއިރު، ގައުމުގައި ފެތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަމުގައި ރެކޯޑް އަދަދަކަށް މީހުން މަރުވަމުންދާއިރު، އެކަަމަށް އިޝާރާތް ކުރައްވާފައެއް ނުވެއެވެ. 

ނިމާލު ކުރެއްވި ޓްވީޓެއްގައި މިކަން ފާހަގަކުރައްވައި ވިދާޅުވީ، ރައްޔިތުން ހޭލާ ބައިތިއްބައިގެން، ރައީސް ސޯލިހު މުހާތަބު ކުރައްވައިފި ކަަމަށެވެ. އެއްދުވަސްތެރޭގައި ހަ މީހަކު މި ދުނިޔެއާއި އަލްވަދާއު ކިޔާފައިވާއިރު، އެފަރާތްތަކަށް ރައީސް ހެޔޮ ދުޢާ ކުރައްވާނެ ކަމަށް އުއްމީދު ކުރެވުނު ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

"މިބިރުވެރި ހާލަތުގައި (ރައްޔިތުންނަށް) އުއްމީދުތަކެއް ދެއްވާނެކަމަށް ހީކުރިން. ނަމަވެސް އެކަމެއް ނުކުރެއްވި" ނިމާލް ވިދާޅުވިއެވެ.