ރޭގެ ހަމަލާއަށް 10 ގަޑިއިރު ވީއިރުވެސް މީހަކު ހައްޔަރު ނުކުރާތީ ޝިޔާމްގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ރޭ ދިން ހަމަލާއަށް އެތައް ގަޑިއިރެއް ވީއިރުވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ރައީސް އަޙްމަދު ޝިޔާމް ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

ރައީސް ނަޝީދު ދިރިއުުޅުއްވާ ގެކޮޅު ކައިރީގައި، އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް ދިން ހަމަލާއިން އެމަނިކުފާނަށް ވަނީ ޒަހަމްތަކެއް ލިބި، އޮޕަރޭޝަންތަކެއްވެސް ކުރަން ޖެހިފައެވެ. އެގޮތުން ތިންވަނަ އޮޕަރޭޝަނެއް ކުރިއަށްދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
 
ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރައްވައި، ޝިޔާމް ވިދާޅުވީ، ރޭ 8:30 ގައި މާލޭގެ އެންމެ މީހުން ބައިބޯ މަޖީދީމަގުގައި ކުރީގެ ރައީސުލްޖުމްޙޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޢަމާޒުކޮށް ދިން ނިރުބަވެރި ޙަމަލާއަށް 10 ގަޑިއިރުވެގެން ދިޔައިރުވެސް ޙަމަލާއާ ގުޅިގެން ތަޙުޤީގަށް ފުލުހުން އަދި ސިފައިންގެ ބެލުމުގެ ދަށަށްވެސް އެއްވެސް ފަރާތެއް ގެންދެވިފައި ނުވާކަމީ ޙަމަލާގެ ނުރައްކާތެރިކަން ހާމަވާ ކަމެއް ކަމަށެވެ.

 "އަދި އެހާމެ ކަންބޮޑުވާ ކަމެއްކަމުގައި ދެކެން. މިއީ އިންސާނިއްޔަތަށް ދެވުނު ޙަމަލާއެއްގެ އިތުރުން ފައްކާވަމުން އަންނަ ޑިމޮކުރަސީ އަށް ދެވުނު ޙަމަލާއެއް. މިއީ އިސްލާމީ މިމުޖުތަމަޢާ ބީރައްޓެހި ނާތަހުޒީބު ފިނޑި ޢަމަލެއްކަމުގައި ދަންނަވަން." ޝިޔާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ ޢިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުން މިޤައުމަށް ލިބިގެންދާނެ ބަލި ވިސްނުމުގެ ޢަމަލެކެވެ.

" މި ލާއިންސާނީ ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން އަދި މިކަމުގައި ޝާމިލްވާ ފަރާތްތައް މިހާރުން މިހާރަށް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނެސް ޤާނޫނުބުނާ އެންމެ ހަރުކަށި ޢަދަބު ދިނުމަށް ގޮވާލަން." ޝިޔާމް ވިދާޅުވިއެވެ.
އެއްޗެއް ގޮއްވާލައިގެން، ރައީސް ނަޝީދަށް ދޭން އުޅުނު ހަމަލާއަކީ، އެމަނިކުފާނު އަވަހާރަކޮށްލުމުގެ ނިޔަތުގައި ދިން ނިރުބަވެރި ހަމަލާއެއްގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފައެވެ. 

މިމައްސަލަ ޚާއްސަ އިސްކަމެއް ދީގެން ބަލާނެކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ. މިކަން ފުރިހަމައަށް ތަހުގީގު ކުރުމަށްޓަަކައި، ރާއްޖެއަށް އޮސްޓްރޭލިއާގެ ފުލުހުންގެ ޓީމެއް، ހޮނިހިރު ދުވަހު އަންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.