އާދަމް ޝަރީފު ފުލުހުންނަށް: ފިޔަވަޅު އަޅަންވީ އާއްމުންނަކަށް ނޫން، ރޭޕިސްޓުންނަށް

ބަންދު ކުރަންވީ އާއްމުން ނޫން ކަމަށާއި، ހައްޔަރު ކުރަން ޖެހޭނީ ރޭޕިސްޓުން ކަަމަށް ވިދާޅުވެ އުތުރުގެ ރަށެއްގައި ރޭޕްގެ ޝިކާރައަކަށްވި އުމުރުން 14 އަހަރުގެ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފު އުމަރު ގޮވާލައްވައިފިއެވެ.

މިރޭގެ ވަގުތެއްގައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖިންސީ ގޯނާގެ ޝިކާރަައަކަށްވެފައިވާ އަންހެން ކުއްޖާއަށް، ޖިންސީ އަނިޔާ ލިބުނު މައްސަލަ ހިންދާލުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވިގެން، މުޒާހަރާ ކުރުމަށް ނުކުތް މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވާ އާއްމުންގެ ހުރިހާ އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާ ކަމަށެވެ.

"ފިޔަވަޅު އަޅަންވީ ފެއިލްވެފައިވާ މުއައްސަސާތަކުގެ ވެރީންނަށް، އާއްމުންނަކަށް ނޫން" އާދަމް ޝަރީފު ވިދާޅުވިއެވެ.

އުތުރުގެ ރަށެއްގައި ގްރޭޑް 8ގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރަށް ޖިންސީ ގޯނާ ކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނީ ހާދިސާ ހިނގި ރަށުން ހައްޔަރު ކުރި 10 މީހުންނަކީ ފުލުހުންނާއި ކުރިމަތިލައި، ދައުލަތުގެ މުދަލަށް ގެއްލުން ދިނުމަށް މަސައްކަތްކުރި މީހުން ކަމަށެވެ.