ކައިވެނި ކުރަން ކަނޑައަޅާފައިވާ ތާރީހު ގާތްވަމުން އައި ވަރަކަށް، ހިތްތެޅި، ހާސްވެ، ފިނިވާ ގޮތް ވޭހެއްޔެވެ؟
ތިޔައީ ތިބާ އެކަންޏަށް ކުރެވޭ އިހްސާސްތަކެއް ނޫނެވެ. ޒަވާޖީ ހަޔާތެއް ފަށަން އުޅޭ ގިނަ މީހުންގެ ހާލަކީ ހަމަ ތިއީއެވެ. އެކުގައި އުޅެން ބޭނުންވާ ބައިވެރިޔާއާއިއެކީގައި އުފާވެރި ހަޔާތެއް ފެށޭތީ ކިތަންމެ އުފާވިޔަސް، ކަމުގެ ބޮޑުކަން ހިތަށް އެރުމުން، ފިކުރު ބޮޑުވަނީއެވެ.
މިލިޔުމުގައި މިބަލާލަނީ ކައިވެންޏަށް ތައްޔާރުވަމުން އަންނައިރު، ހިތަށް ހާސްކަން ވެރިވާ ކަމަށް މީހުން ބުނާ ބައެއް ސަބަބުތަކަށެވެ.
ބައިވެރިޔާއާއިމެދު ޔަގީންކަން ނެތުން:
ކައިވެނި ކުރަން ތިޔަ އުޅޭ މީހާ އަކީ، ތިބާ އެންމެ ބޭނުންވާ، ނުވަތަ އެންމެ ލޯބިވާ މީހާކަން ޔަގީން ނުވާނަމަ، ހިތުގައި ހާސްކަން އުފެދޭނެއެވެ.
ކައިވެންޏަށްފަހު، މުޅި ދިިރިއުޅުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ހުސްކުރަންޖެހޭނެއެވެ. އެހެންވެ، ތިބާ އެމީހަކާއި އެކުގައި ދިިރިއުޅެން ބޭނުންވާ މީހަކު އިހްތިޔާރު ކުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.
ބައިވެރިޔާ މީގެ ކުރިން ބޭވަފާތެރިވެފައިވުން:
މިއީ ކައިވެންޏަށް އެޅޭނެ ވަރަށް ބޮޑު ހިޔަންޏެކެވެ. ތިބާގެ ބައިވެރިޔާ މީގެ ކުރިން "ޗީޓު" ކުރިނަމަ، އެކަން އެހާ ފަސޭހައިން ހަނދާން ނައްތާލުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެއެވެ. މާފު ކުރިނަމަވެސް، އެކަން ހިތުގައި އޮންނާނެއެވެ.
ބިއްލޫރި ތައްޓެއް ވެއްޓި، ރެނދެއް ލުމުން، އެ ރެނދު ނުފިލާ ހުންނަ ގޮތަށް، ބޭވަފާތެރިއެއްގެ ފަރާތުން ލިބޭ އަނިޔާގެ ލަކުނަކީވެސް ފަސޭހައިން ފިލާ އެއްޗެއް ނޫނެވެ.
ބައިވެރިޔާގެ އާއިލާ މީހުން ކަމުނުދިޔުން:
ތިބާ ކައިވެނި ކުރަން އުޅޭ ފަރާތުގެ އާއިލާގެ މެމްބަރުން ކަމު ނުދާނަމަ، ކައިވެނި ކުރަން ވިސްނާއިރު، ހިތްނުތަނަވަސް ކުރުވާފާނެއެވެ.
ކައިވެނީގެ ގޮށް ޖެހުމަށްފަހު، ތިބާގެ ބައިވެރިޔާގެ އާއިލާ އަކީ ތިބާގެެވެސް އާއިލާއެވެ. ވާންއުޅޭ އާއިލާގެ މެމްބަރުންގެ ކިބައިގައި ތިބާއަށް ގަބޫލު ނުކުރެވޭ ސިފަތަކެއް ހުރެއްޖެނަމަ، ވާންއުޅޭ ފިރިމީހާ ނުވަތަ އަނބިމީހާ ކިތަންމެ ކަމުދިޔަސް، ކައިވެނީގެ ހަގީގީ އުފާވެރިކަން އިހްސާސް ނުކުރެވިދާނެއެވެ.