އަޅުގަނޑު ހަނދާނަށް އަންނަނީ މީގެ ހަ އަހަރު ކުރިއެވެ.
އޭރުވެސް ނޫސްވެރިޔަކީމެވެ. ނިއުސްރޫމްގައި މަސައްކަތުގައި އުޅެނިކޮށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދަތުރުފުޅު ކުރައްވަމުން ގެންދެވި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައިފި ކަމަށް ބުނެ، އެ މަންޒަރު ފެނުނު ކެމަރާމަން، ރޮމުން ހަޅޭލަވަމުން އައިސް ހާސްކަމުގައި ހުރެ، އަޅުގަނޑުމެންނަށް ކަންވީ ގޮތް ކިޔައިދިން ދުވަސް މިއަދުވެސް، އިއްޔެވީ ކަމެއްހެން ހަނދާން އެބަހުއްޓެވެ.
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު، އެނބުރި ވަޑައިގަންނަވަނިކޮށް، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ.
އެ ހަމަލާއިން ރައީސް ޔާމީން ސަލާމަތްވެވަޑައިގެންނެވިއިރު، މެޑަމް ފާތުންއަށް އަނިޔާތަކެއް ލިބިވަޑައިގެންނެވިއެވެ.
ބިރުވެރި ދުވަހެކެވެ. ނުރައްކަލުގެ އިހްސާސް ކުރެވުނެވެ. އެހެނީ، ގައުމުގެ ވެރިމީހާގެ ސަލާމަތަށް ނުރައްކާ ކުރުމަކީ ގައުމީ ސަލާމަތަށްވެސް ނުރައްކާ ކުރުން ކަމުގައިވާތީއެވެ.
ކޮންމެއަކަސް، އެދުވަހުގެ ހާދިސާއިން ތަޖުރިބާ ކުރެވުނު ކަމަކީ، ބައެއްގެ މަލާމަތާއި ފުރައްސާރަ އަކީ ކޮންމެ ފަދަ ކަމެއްގެ ތެރެއިންވެސް، ކުރިމަތި ކުރުވާފާނެ ކަންކަން ކަމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދޭން ބަޔަކު މަސައްކަތް ކުރި ކަމަށް ހަދައި، ކުޅުއްވި ޑްރާމާއެއްގެ ގޮތުގައި މުޅި ހާދިސާ ސިފަކޮށް، ރައްޔިތުންނަށް އޮޅުވައިލުމަށް މަސައްކަތް ކުރި މަންޒަރު އެދުވަހު ފެނިގެން ދިޔައެވެ.
މިއަދު އަނެއްކާވެސް މާޒީ އިޔާދަވެ، އެފަދަ ހާދިސާއެއް ތަކުރާރުވީއެވެ. ރައީސްކަން ކުރެއްވި ބޭފުޅަކަށް ހަމަލާދީ، ފުރާނަ ދުއްވާލުމަށް މަސައްކަތް ކުރީއެވެ. ހިތާމަވެރިއެވެ. ބިރުވެރިއެވެ.
އޭރު މިފަދަ ހާދިސާއެއް ހިނގުމުން، ހަޖޫ ޖަހައި މަލާމާތް ކުރި މީހުން މިއަދު ނިކަން ސީރިއަސްވެގެން އުޅޭތީ ފެނެއެވެ. ބިރުން ގޮސް، ހަރުކަށި ފިކުރާއި، އައިއެސް ފަދަ ޖަމާއަތްތަކުގެ ވާހަކަވެސް ދައްކަން ފަށައިފިއެވެ.
އަޅުގަނޑު ފަހަރުގައިވެސް މިދަންނަވަނީ، ރައީސް ނަޝީދު "ސްޓަންޓް" ޖެއްސެވިއެކޭ ނޫނެވެ. މާޒީ އިޔާދަ ވުމުން، ފެންނަ މަންޒަަރު ތަފާތު ވާހަަކައެވެ. އޭރު އިދިކޮޅުގައި ތިބި މީހުން އެކަން ސިޔާސީ ކުރިނަމަވެސް، މިއަދު އެކަން ބަދަލުވެއްޖެއެވެ.
ސަރުކާރުގެ ވާދަވެރިން ރައީސް ނަޝީދަށް ހަޖޫ ޖެއްސެވުމުގެ ބަދަލުގައި، ހަމަލާ ކުށްވެރި ކުރައްވައި، ކުރެއްވީ ހެޔޮ ދުއާއެވެ. ދެ ރައީސުންނަށް ކުރިމަތިވި ހަމަލާއިން، ފެނިގެން މިދިޔައީ ތަފާތު ދެ މަންޒަރެކެވެ.