ސާދަ ދުވަހު ކަރަންޓީނުވާން ޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފި

ރާއްޖޭގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން  ކަރަންޓީނުގެ މުއްދަތު، ކުރިއެކޭވެސް އެއްގޮތަށް 14 ދުވަހަށް އިތުރުކޮށްފިއެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިވަގުތުން ފެށިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަކި އެއްޗެއް އަންގަވަންދެން ދަތުރުފަތުރާ ގުޅިގެން ކުރާ ކަރަންޓީނު 14 ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

މާލެ އާއި ރާއްޖޭގެ އިތުރު ސަރަހައްދު ތަކުގައި ކޮވިޑް ފެތުރޭ މިންވަރު ބޮޑުތަނުން އިތުރުވެ، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް މި ފާއިތުވި ދެ ދުވަހު ވަނީ އިތުރުވެފައެވެ. 

ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ޒަރޫރީ ބޭނުމަށް ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުުރު ނުކުރެވޭނެހެން އުސޫލަށް ބަދަލު ގެނެސްފައިވާއިރު، މާލޭގައި ރޭގަނޑު 9:00 އިން ފަތުހު 4:00 ކާފިއު އިއުލާނުކޮށް ސަރުކާރު އަދި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ގެއިން މަސައްކަތް ކުރަން ވަނީ އަންގައިފައެވެ.

ފޮޓޯ: ސަންއޮންލައިން