ރައީސް ނަޝީދާ ދެކޮޅަށް ހިންގީ ރަހުމުކުޑަ އަނިޔާވެރި އަމަލެއް: މާލެ ސިޓީ ކައުންސިލް

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާ އަކީ ރަހުމުކުޑަ، އަނިޔާވެރި ހަމަލާއެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރޭގެ ވަގުތެއްގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ވަނީ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަަމަލާއަކީ ވަަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

"މިއީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަނިޔާވެރި އަމަލަކަށް ވާތީ، މިކަމަކީ މާލެ ސިޓީ ކައުންސިލް އިންތިހާއަށް ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް ކަމުގައިވެސް ދަންނަވަމެވެ" ސިޓީ ކައުންސިލުގެ ބަޔާނުގައިވެއެވެ. 

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މާލެ ސިޓީގެ ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި، ބިރުވެރިކަން އުފެދިފައިވާކަން ފާހަގަކޮށް، ސިޓީ ކައުންސިލުން ވަނީ އެކަން ކުރި ބަޔަކު ހޯދައި، ހައްގު އަދަބު ދިނުމަށްވެސް ގޮވާލައިފައެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ ހަތަރު މީހަކު އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ގިނަ ނޫސްވެރިން ވަނީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާއަށް އަމާޒުކޮށް، މިފަދަ ނުރައްކާތެރި ހަމަލާއެއް ދިންއިރު، އިންޓެލިޖެންސަށް މިކަން ނޭނގުނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. 

ޖަވާބުގައި ސީޕީ ހަމީދު ވަނީ އިންޓެލިޖެންސް ފެއިލްވި ކަމަށް، އަދި ޚުދު އެބޭފުޅާ ފެއިލްވިތޯ ބެލޭނީ ތަހުގީގަކުން ކަމަށް ވިދާޅުވެފައެވެ. 

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، މިހާތަނަށް އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. މިހާރު އެމަނިކުފާނު އޮންނެވީ އައިސީޔޫގައެވެ.