މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެންމެ ފަހު މީހާއާ ޖެހެންދެން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ރޭގެ ވަގުތެއްގައި ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިރޭ އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވަނީ، ރޭގެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފައެެވެ.
ހަމަލާއިން ރައީސް ނަޝީދު ސަލާމަތް ކޮށްގެން، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހޮސްޕިޓަލަށް ގެންދިޔަކަން ފާހަގަކުރައްވައި، ސެކިއުރިޓީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ.
މާރިޔާ ވިދާޅުވީ، ދިވެހި ރައްޔިތުން ޓެރަރިޒަމްގެ ބިރުވެރިކަމުން ސަލާމަތް ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ގައުމީ ދިފާއީ ބާރުން ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"މިއަދު ފިލާތިބެ، އެ ނުރައްކާތެރި ހަމަލާ ދިން މީހުންނަށް އަޅުގަނޑު ދަންނަވާނީ އެމީހުންނާ ދިމާލަށް އެބަ ވަޑައިގަންނަވައޭ ޔުނިފޯމް އެޅި ބޭފުޅުން، މި ރާއްޖޭގެ މީހުން ބިރުގަންނަވައިގެން ނުގެންދެވޭނެއޭ." މާރިޔާ ވިދާޅުވިއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެއިން ނުކުމެވަޑައިގެން ކާރަށް އަރާ ވަޑައިގަންނަވަނިކޮށް ދިން ހަމަލާގައި ބޭނުންކުރި އައިއީޑީ އަކީ، 2007 ވަނަ އަހަރުގައި ސަލްޓަންޕާކުގައި ގޮއްވާލި އައިއީޑީއަށްވުރެ ބާރުގަދަ އެއްޗެއް ކަމަށް ގައުމީ ދިފާއީ ބާރުން މިރޭ ވަނީ ބުނެފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިގޮތުގައި، ގޮއްވާލި އައިއީޑީ އަކީ"ކޮމަންޑް ޑިޓޮނޭޝަންއެކެވެ.
އެއީ ރިމޯޓް ކޮންޓްރޯލް ޑިވައިސްއެއް ކަމަށާއި، ބޮޑަށް ބެލޭވޭ ގޮތުގައި އެ ގޮއްވާލަފައިވަނީ ފޯނަކަށް ވުރެ ބޮޑަށް ރިމޯޓް ޑިވައިސްއެއް ބޭނުން ކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި އެމްއެންޑީއެފްގެ އެއްވެސް އޮފިޝަލެއްގެ އަތެއް އޮވެދާނެ ކަމަށް ގަބޫލު ކުރަން ކުރަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޝަމާލް ވަނީ ހަމަލާގައި އެމްއެންޑީއެފްގެ އަތެއް ވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މި ނުރައްކާތެރި ހަމަލާ ދީފައިވަނީ އެމްއެންޑީއެފްގެ ކޮމާންޑަށް ކަމަށް ބެލެވޭ ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.