ބަލި މީހާގެ ހާލަތު ވަރަށް އަވަހަށް ގޯސްކޮށްލާ އާ ވޭރިއަންޓެއް އެބައުޅޭ:ޑރ.މުހައްމަދު އަލީ

ދިވެހިރާއްޖޭގައި މިހާރު އުޅޭ ކޯވިޑް-19ގެ އާ ވޭރިއަންޓަކީ ބަލިމީހާގެ ހާލަތު ވަރަށް ބޮޑަށް ގޯސްކޮށްލާ ވޭރިއަންޓެއް ކަމަށް ޑރ.މުހައްމަދު އަލީ ވިދާޅުވެއްޖެއެެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. ޑޮކްޓަރު ވިދާޅުވި ގޮތުގައި، އާ ވޭރިއަންޓަކީ، ފަސޭހަކަމާއިއެކުގައި ފެތުރޭ ވޭރިއަންޓެއްކަން ފާހަގަކުރައްވައި، ފުއްޕާމެއަށްވެސް ވަރަަށް ބޮޑަށް ގެއްލުންދެއެވެ.

ޑޮކްޓަރު ވަނީ ބަލިން ރައްކާތެރި ވުމަށްޓަކައި، މާސްކު އެޅުމާއި، ގިނަ ގިނައިން އަތްދޮވުމަށް އިރުޝާދު ދެއްވާފައެވެ. އަދި މިދުވަސްކޮޅު ގިނަ މީހުންނާ ދިމާވެ ނޫޅުމަށްވެސް އެދިވަޑައިގެންނެވިއެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ދަނީ ގޯސްވަމުންނެވެ. އެގޮތުން، އިތުރު 766 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ކުއްލިއަކަށް އިތުރުވާން ފަށާފައިވާއިރު، ރޭވެސް އުމުރުން 83 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ. 

މިއަދު ހެނދުނު ކ. މާފުށި ކަރަންޓީނުގައި ހުރި ބަންގްލަދޭޝް ފިރިހެނަކާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކުވެސް ވަނީ ނިޔާވެފައެވެ. 

ރާއްޖޭގައި މިހާތަނަށް ކޯވިޑް ޖެހިގެން ނިޔާވެފައިވަނީ 83 މީހުންނެވެ.