ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާމެދު ސަރުކާރުގެ ނިޔަތް ގޯސް ކަމަށް، މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެ ރޭ، އެއްޗެއް ގޮއްވާލައި ދިން ހަމަލާއާއި ގުޅިގެން، ހަތަރު މީހެއްގެ ފަރާތުން ޝައްކު ކުރެވޭ ކަންތައްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިހަމަލާއާއި ގުޅިގެން، އެމްއެންޑީއެފްއިންވެސް ވަނީ ނޫސްވެރިންނާ ބައްދަލުކޮށް، ގިނަ ވާހަކަތަކެއް ހިއްސާ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުތައް މީގެ ކުރިން ލިބެމުންދިޔަކަންވެސް ފާހަގަކުރިއެެވެ.
އެކަންކަން ނުބެލި، ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކަށް ޓެރަރިސްޓް ހަމަލާއެއް ދިންއިރު، އެކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައި ނެތީތޯ، ގިނަ ބަޔަކު ސުވާލު ކުރަމުން އަންނަ މި ދަނޑިވަޅުގައި މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން މިއަށްވުރެ ބޮޑަށް ރައީސް ނަޝީދަށް އަޅާލާން ޖެހޭ ކަަމަށެވެ.
"ރައީސް ނަޝީދުގެ ލައިފް(ފުރާނަ) ދުއްވާލަން ހަތަރު މީހަކަށް ޝައްކު ކުރެވެއޭ ފުލުހުން ބުނިއިރު، އެންމެ މީހަކުވެސް ހައްޔަރެއް ނުކުރޭ. ލަދުވެތި ސަރުކާރުގެ ނިޔަތް، ރައީސް ނަޝީދާމެދު ގޯސްކަން ސާފުވެއްޖެ." މުސްތަފާ ވިދާޅުވިއެވެ.
އޭނާގެ ޓްވީޓްގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ނުސީދާ ގޮތެއްގައި ބަހުގެ ހަަމަލާއެއްވެސް ދެއްވިއެވެ. ވިދާޅުވީ، ރައީސް ސޯލިހުއަށް ވެރިކަން ދިނީ ކޯލިޝަނުން ނޫން ކަމަށާއި، ވެރިކަން ދެއްވީ "ސީދާ ރައީސް ނަޝީދު" ކަމަށެވެ.
ރައީސް ނަޝީދުގެ ހަތަރު ސާޖަރީއެއްކޮށްފައިވާއިރު، ހާލުކޮޅު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފައިވެއެވެ.