އިދިކޮޅު ސިޔާސީ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ގޮވާލާ ފޭސްބުކްގައި ލިޔުނު މީހާގެ މައްސަލަ ބަލައި، ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީންގެ ހަށި ގޮއްވާލުމަށް ހިތްވަރުދީ، އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކް އެކައުންޓްގައި ޕޯސްޓެއް ކުރި ކުރުމާއިމެދު ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމަށެވެ.
މިފަދަ ނުރައްކާތެރި ޢަމަލު ހިންގުމަށް ގޮވާލާ، އެފަދަ ކަންކަމަށް ހިތްވަރު ދެމުން ގެންދާ ފަރާތްތަކުގެ މައްސަލަތައް ނުބެލި އެފަދަ ފަރާތްތައް މުޖުތަމަޢު ތެރެއަށް ދޫވެފައި ތިބުމަކީ ޤައުމުގެ ސަލާމަތަށް އިތުރު ގެއްލުންތައް ކުރިމަތިވެގެން ހިންގައިދާނެ ކަމެއް ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ނުރައްކާތެރި ޓެރަރިސްޓް ޢަމަލުތައް ހިންގުމަށް ގޮވާލާ ފަރާތްތަކުން އެކަން ކުރަނީ ކޮންމެ ފަދަ މަޤްޞަދެއްގައި ކަމުގައިވީނަމަވެސް، އެފަދަ މައްސަލަތަކަކީ ކުދި ކުދި ކަންކަން ކަމުގައި ދެކި އަޅާނުލެވި، ނުބެލި ދޫކޮށްލެވިއްޖެނަމަ، އެފަދަ ކަންކަން ކުރުމުގެ ވިސްނުން ގެންގުޅޭ ފަރާތްތަކަށް ހިތްވަރު ލިބި އެފަދަ ނުރައްކާތެރި ޢަމަލުތައް ރާއްޖޭގައި ހިންގުމުގެ ފުރުޞަތު އިތުރުވެގެން ހިނގައިދާނެ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.
ރައީސް ޔާމީން ގޭގައި ހުންނަވަނިކޮށް އެމަނިކުފާނަށް ހަމަލާ ދިނުމަށް ގޮވާލި ފަރާތް ހޯދާ މިހާރުން މިހާރަށް ހައްޔަރުކޮށް މައްސަލަ ބެލުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ޕޮލިސްގައި އެދިފައިވާނެ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.
ފޮޓޯ: އަވަސް އޮންލައިން