ވައްކަމެއް ފޮރުވިޔަކަ ނުދޭނަން: ދޮންބިލެތް

ވައްކަމެއް ފޮރުވިޔަ ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް(ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ދުބާއީގެ ކުންފުންޏަކާއި ހަވާލުކޮށްގެން ދިވެހިރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޕީޖީން ދައުވާ ނުކުރުމަށް ނިންމާފައިވާ މިދަނޑިވަޅުގައި ހަލީމް ކުރެއްވި ޓްވީޓެއްގައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްއަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން އޭނާ ވިދާޅުވީ މި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމި ނިންމުން، ޕީޖީ ޝަމީމް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ ވައްކަމެއް ނުފޮރުވޭނެ ކަަމަށާއި، އެކަން އެގޮތަށް ކުރިޔަ ނުދެއްވާނެ ކަމަށެވެ. 

ޕީޖީ ޝަމީމަށް ބަހުގެ ހަމަލާއެއް ދެއްވައި ދޮންބިލެތް ކުރެއްވި ޓްވީޓް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ ޓްވިޓަރ އެކައުންޓުން ވަނީ ރީޓްވީޓްވެސް ކުރައްވައިފައެވެ. މި މައްސަލައިގައި ޕީޖީ ޝަމީމް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ލިޔުއްވި މެސެޖެއްގައިވަނީ ޕީޖީ ޝަމީމް ފެއިލްވެފައިވާ ކަމަށާއި، އޭނާ މަގާމުން އިސްތިއުފާދެއްވަން ޖެހޭ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާއާއި، ޕީޖީ ޝަމީމްގެ އިތުބާރު ނެތް ކަަމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓެއް ނަގަން ޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.