ޓެރަރިސްޓް ހަމަލާގެ ހިލަމެއް ރައްޔިތުންނަށް ނުވީތޯ ސުވާލު ކުރެއްވުމުން ޒަކަރިއްޔާ ހޫނު ފެނަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ބުރާސްފަތި ދުވަހުގެ ރޭދިން ހަމަލާގެ ހިލަމެއް ރައްޔިތުން ނުވީތޯ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސުވާލު ކުރެއްވުމުން، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ. 

ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ އެކަކު އަނެކަކަށް، މި ހަމަލާގެ ޒިންމާ އެޅުވުމުން، ފައިދާއެއް ނުވާނެ ކަމަށެވެ. 

ސިފައިންގެ އިންޓެލިޖެންސަށް، ހަމަލާއެއް ދޭން އުޅޭކަމުގެ އެއްވެސް ހިލަމެއް ނުވާކަން ފާހަގަކުރައްވައި ޒަކަރިއްޔާ ވަނީ، އެފަދަ މައުލޫމާތެއް ލިބިފައިވާނަމަ، އެ ނުރައްކާތެރިކަމަށް އެއްވެސް ބަޔަކު ހުށަނާޅާނެކަމަށް ވިދާޅުވެފައެވެ. 

ޓެރަރިސްޓް ހަމަލާއެއް ދިނުމަށްޓަކައި، އައީޑީއެއް ހަދާ، ތަނެއްގަ ބައިންދާ، މިހުރިހާ ކަމެއްކުރިއިރު އާންމު ރައްޔިތުންނަށް ހިލަމެއްވެސް ނުވަނީތޯވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

ޒަކަރިއްޔާގެ މިވާހަކައަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެގޮތުން ޓެރަރިސްޓް ހަަމަލާއެއް ދިނުން ފަދަ ކަމެއް ބަޔަކު ރާވާތޯ ފާރަވެރިވާންވީ ރައްޔިތުންތޯ، ގިނަ މީހުން ވަނީ ސުވާލު އުފައްދާފައެވެ. ހުރިހާ ކަމެއްގައި ރައްޔިތުން ޒިންމާ ނަގަން ޖެހޭނަމަ، ސަރުކާރުގެ މަގާމުތަކުގައި މީހުން ތިބުމުގެ ބޭނުމަކީ ކޮބައިތޯވެސް، މީސްމީޑިއާގައި ސުވާލު އުފައްދާފައިވެއެވެ.