ދުވާލަކު 80 ކުޑަކުދިން މިހާރު ޕޮޒިޓިވް ވޭ: އެޗްޕީއޭ

ދުވާލަކު 80 ވަަރަކަށް ކުޑަކުދިން ކޯވިޑް-19އަށް ޕޮޒިޓިވް ވަމުންދާ ކަމަށާއި، މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރި ވީޑިއޯ މެސެެއްގައި ޑރ،ނަޒްލާ މުސްތަފާ ވިދާޅުވީ ކުޑަކުދިންގެ މެދުގައި ބަލި ފެތުރުން، ކުރިއާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. 

"މިގޮތުން ގާތްގަނޑަކަށް ދުވާލަކު، ހަތްދިހަ ނޫނީ އަށްޑިހަ ކުދިން އެބަ ޕޮޒިޓިވް ވޭ. އަދި އެއް އަހަރުން ދަށުގެ ހަތަރު ކުދިން ނޫނީ ފަސްކުދިން ދުވާލެއްގެ މައްޗަށް އެބަ ޕޮޒިޓިވް ވޭ." ނަޒްލާ ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނާ އަޅާބަލާއިރު، ބަލި ޖެހޭ ކުޑަކުދިންގެ ހާލު ގޯސްވުމަކީ މަދުން ނޫނީ ނުވާ ކަމަކަށްވިޔަސް، އެއީ ނުވާނެ ކަމެކޭ ނުބުނެވޭނެ ކަަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.

އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ގޭގައި މަޑު ކުރުމަށް ނަޒްލާ އިރުޝާދު ދެއްވިއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް 766 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.