ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން، ނަޝީދުގެ ދަރިކަނބަލުން މީރާ ނަޝީދު، ޑިފެންސް މިނިސްޓަރު މާރިޔާއަށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.
ނަޝީދަކީ ޓެރަރިޒަމްގެ ހަމަލާތަކަށް "ހައިރިސްކް" ބޭފުޅެއްކަން، އެނގޭ ކަަމަށް އެމްއެންޑީއެފްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވަނީ، ނަޝީދަކީ ހައި ރިސްކް ބޭފުޅެއް ކަމުން، ލިބޭ އިންޒާރުތަކަށް ބަލައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
ސެކިއުރިޓީ އެންހޭސް ޕްލޭނެއްގެ ދަށުން އެ މަނިކުފާނުގެ ސެކިއުރިޓީ ރަނގަޅު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު ސިފައިންގެ އިންޓެލިޖެންސަށް ނުލިބުނީތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ މިދަނޑިވަޅުގައި މީރާ ކުރި ޓްވީޓެއްގައި ވަނީ، ހައިރިސްކު މީހަކު އެއްތަނުން އަނެއް ތަނަށް ދާއިރު، އަމަލު ކުރަންޖެހޭ ވަކި ޕްރޮޓޮކޯލްއެއް ނޯންނަނީތޯއާއި، ބޭރަށް ނުކުންނައިރު، ވަށައިގެންވާ މާހައުލު ޗެކު ނުކުރަނީ ކީއްވެގެންތޯ ސުވާލު ކޮށްފައެވެ.
އަދި އެކި ވާހަކަތައް ދެއްކުުމުގެ ބަދަލުގައި ޑިފެންސް މިނިސްޓަރު މާރިޔާއަށް ގޯހެއް ހެއްދެވުނުކަން ގަބޫލު ކުރެއްވުން މާރަނގަޅުވާނެ ކަމަށްވެސް މީރާ ވަނީ ބުނެފައެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ނަޝީދުގެ ހަތަރު ސާޖަރީއެއް ކޮށްފައިވާއިރު، އެމަނިކުފާނުގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
ފޮޓޯ: ޕީއެސްއެމް