ރައީސް ޔާމީނަށް ޓެރަރިސްޓް ހަމަލާ ދިން މައްސަަލައިގައި އިންސާފު ނުލިބޭތީ ޑރ.ޖަމީލުގެ ކަންބޮޑުވުން

އިދިކޮޅު ސިޔާސީ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ދިން މައްސަލައިގައި އިންސާފު ނުލިބި ލަސްވަނީ ކީއްވެގެންތޯ، އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލު އަހްމަދު ސުވާލު އުފައްދަވައިފިއެވެ. 

ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގައި، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލައި، ރައީސް ޔާމީންގެ ފުރާނަފުޅަށް ނުރައްކާ ކުރަން އުޅުނު މައްސަލައިގެ އެންމެ އަޑީގައި ތިބި މީހުން މިއަދު ކޮބައިތޯ ސުވާލުކުރައްވައިފައެވެ.  

"އިންސާފު ލިބުން ލަސްވަނީ ކީއްވެ؟ އެކަމުގެ އެންމެ އަޑީގައި ތިބިމީހުން މިއަދު ކޮބާ؟ ސިލެކްޓިވްކޮށް ޤާނޫނު ހިންގުމުން ހިތްވަރު ލިބެނީ. މުޖުރިމުންނަށް ގާނޫނަކީ ކުޅޭކުޅޭ އެއްޗަކަށްވެގެން ނުވާނެ" ޑރ.ޖަމީލު ވިދާޅުވިއެވެ.

ފިނިފެންމާ ލޯންޗުގައި ގޮއްވާލި ހާދިސާގެ ހަނދާންތަައް ޑރ.ޖަމީލު އައު ކުރެއްވިއިރު، ބުރާސްފަތި ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަަމަލާއެއް ދިން މައްސަލަ އަންނަނީ ބަލަމުންނެވެ. އެހަމަލާ ދިންތާ 24 ގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.