ދިވެހީންގެ ތެރެއިން ގިނަ މީހުންނަކީ ކުޅިކޮށް ކެއުމަށް ލޯބި ކުރާ މީހުންނެވެ.
އެހެންނަމަވެސް، ގިނަ މީހުންނަށް ހީވެފައި އޮންނަނީ ކުޅިކޮށް ކައިފިނަމަ، ހަށިގަނޑަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ވާ ކަަމަށެވެ. މިއީ ރަނގަޅު ހީއެއް ނޫނެވެ. ކުޅިކޮށް ކެއުމުން ހަށިގަނޑަށް ލިބޭ ފައިދާތައް ވަކި މަދެއް ނޫނެވެ.
ދިރާސާއަކުން ދައްކާ ގޮތުގައި، ކެއުމުގައި ގިނައިން ރަތް މިރުސް ބޭނުންކުރާ މީހުންނަށް ހިތުގެ އެކި މައްސަލަަތައް ދިމާވާ މިންވަރު މަދެވެ. ރަތް މިރުސް ކާ މީހުން، ހިތުގެ ބަލިތަކުގައި ދުނިޔެ ދޫކުރާ ނިސްބަތް 13 އިންސައްތަ ދަށް ކަަމަށް ދިރާސާއަކުން ވަނީ ދައްކައިފައެވެ.
އެނގޭހެއްޔެވެ؟ ކުޅިކޮށް ކެއުމަކީ ހަށިގަނޑުގެ ހަޖަމު ކުރުމުގެ ނިޒާމަށް އެހީވެދޭ ކަމެކެވެ. "މެޓަބޮލިޒަމް" އަަވަސް ވުމުން، ބަރުދަން ލުއި ކުރުމަށް އެހީތެރިވެއެވެ. އެހެންކަމުން، ހިކެން ބޭނުންވާނަމަ، ކުޅިކޮށް ކެއުމަކީ ކުރެވިދާނެ ކަމެކެެވެ.
ފެހިކުލައިގެ މިރުހުންވެސް ހަށިގަނޑަށް ފައިދާ ލިބެއެވެ. ފެހިކަން ގަދަ މިރުހުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވެއެވެ.
މިފަދަ ފައިދާތަކެއް މިރުސް ކެއުމުން ލިބުނަސް، އެހާ ގިނައިން މިރުސް ކެއުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއްވެސް އެއްޗެއް، ނުވަތަ ކަމެއް ވިޔަސް، ވަކި މިންވަރަކަށްވުރެ ހައްދު ފަހަނަ އަޅައިދިޔުމަކީ، ގޯހެއްކަން ހަނދާނުގައި ބަަހައްޓައްޗެވެ.